info@redhan.media

whiteLogo

32.45 C

navLogo

އާބާދީ ބޮޑު ގިނަ ރަށްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީން ކާމިޔާބުކޮށްފި

އާބާދީ ބޮޑު ގިނަ ރަށްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީން ކާމިޔާބުކޮށްފި
3 އެޕްރީލް 2026: ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ބޭއްވި ފަހު ރެލީގެ ތެރެއިން
މަރިޔަމް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގެ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް މި އިންތިޚާބާއެކު ވަނީ އައިސްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ އާބާދީ ބޮޑު 46 ރަށުގެ ތެރެއިން 27 ރަށެއްގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ކާމިޔާބު ކުރެވުނީ 19 ރަށެއްގެ އަޣުލަބިއްޔަތެވެ. މީގެ އިތުރުން ދެ ރަށެއްގެ އަޣުލަބިއްޔަތު އަމިއްލަ ކެންޑިޑޭޓުން ހޯދިއިރު، އަށް ރަށެއްގައި ވަކި ޕާޓީއަކަށް އަޣުލަބިއްޔަތެއް ނުލިބެއެވެ.

ފާހަގަކޮށްލެވޭބައެއްރަށްތަކުގެނަތީޖާ:

ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށާއި ގޯތި ދޫކުރުމަށް ސަރުކާރުން ބޮޑު ބިން ހިއްކުމުގެ މަޝްރޫއެއް ހިންގައި، މިދިޔަ އޭޕްރިލް މަހު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ނަމަވެސް، އެ ރަށުގެ އަޣުލަބިއްޔަތު ލިބުނީ އެމްޑީޕީއަށެވެ. ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ހަމައެކަނި ކައުންސިލް ރައީސްގެ ގޮނޑިއެވެ. މީގެ އިތުރުން، ކުރިން ޕީޕީއެމް/ޕީއެންސީގެ ބާރު އޮތް ހއ. އިހަވަންދުއާއި ކެލާގެ އަޣުލަބިއްޔަތުވެސް މިފަހަރު ވަނީ އެމްޑީޕީން އަތުލާފައެވެ.

ރ. މަޑުއްވަރީގެ އަޣުލަބިއްޔަތު ޕީޕީއެމް/ޕީއެންސީ އަތުން ބަދަލުވެ އެމްޑީޕީއަށް ލިބިފައިވާއިރު، އދ. މަހިބަދޫގައި އޮތް ވެރިކަންކުރާ ޕާޓީގެ ބާރުވެސް ވަނީ އެމްޑީޕީއަށް ބަދަލުވެފައެވެ. އަދި ދ. ކުޑަހުވަދޫގެ އަޣުލަބިއްޔަތުވެސް މިފަހަރު ލިބުނީ އެމްޑީޕީއަށެވެ. ލ. ގަމުގައި ކުރިންވެސް އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު އެ ޕާޓީން ވަނީ ދަމަހައްޓާފައެވެ.

ބައެއް ރަށްތަކުން ސަރުކާރު ހިންގާ ޕާޓީއަށް ކުރިއެރުން ލިބިފައިވެއެވެ. އެގޮތުން ކުރިން އަމިއްލަ މެންބަރުންގެ ބާރު އޮތް ހދ. ނޮޅިވަރަމުގެ އަޣުލަބިއްޔަތު ޕީއެންސީން ހޯދިއިރު، ތ. ވިލުފުށީގެ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބުނީ އެމްޑީޕީގެ އެއްވެސް މެންބަރަކު އެ ރަށަށް ވާދަނުކުރުމުންނެވެ.

ކ. މާފުށީގައި އެމްޑީޕީއަށް އޮތް އަޣުލަބިއްޔަތު ގެއްލި، މިހާރު އެއްވެސް ޕާޓީއަކަށް އެ ރަށުގެ އަޣުލަބިއްޔަތެއް ނެތެވެ. މާފުށީ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ މިހާރުގެ މެންބަރު ޢަލީ ޝަމްޢޫނެވެ.

ސިޓީތަކުގެނަތީޖާ:

މި އިންތިޚާބުގައި އެމްޑީޕީން ވަނީ ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެ ޕާޓީގެ ބާރު ގަދަކޮށްފައެވެ. އެގޮތުން މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީގެ އަޣުލަބިއްޔަތު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

އައްޑޫ ސިޓީން ވަކިވެ، ވަކި ރަށްތަކެއްގެ ގޮތުގައި ކައުންސިލް އިންތިޚާބު ބޭއްވި ހުޅުދޫގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބުނުއިރު، މީދޫގެ ކައުންސިލް ރައީސްކަން ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު ޞާލިޙާގެ މައްޗަށް ކުރިހޯއްދެވި އަމިއްލަ ކެންޑިޑޭޓް އަޙްމަދު ޝާޠިރެވެ.

Rate this article

Leave a Comment

Comments (0)