
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ދަންމާލުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އިއްޔެ ކޮމިޓީން ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ އެ ބިލަށް ބަހުސް ކުރުމެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ނިޒާމް ގެއްލުވައިލުމާ ގުޅިގެން މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލަން ޖެހިފައެވެ.
މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށްފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގާނޫނުއަސާސީއާ ގޯސްކޮށް ކުޅެ، ދައުރު ދަންމާލުމަކީ މައްސަލައެއް ނޫން ކަމަށް ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ.
"އޭރުންދެން މާދަން ހުށަހަޅާނެ ރިޔާސީ އިންތިހާބު ދެން ބާއްވާނީ 2030 ގައޭ، ނޫނީ 2028 ގައޭ. އެކަންކަން ކުރުމަށްޓަކައި މިކަން ކުރަނީމި. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެންމެ ފަހުން އޮތް ރިޔާސީ ބަޔާނުގައި 2030 އަށް ކޮށްދޭން ހުރި ކަންތައްތަކުގެ ވާހަކަ ކިޔައިދެމުން ގެންދިޔައީ. އެއީ ދައުރުން ބޭރުވީ. އެހެންވީމާ މިކަން ރާވާ ހިންގާ ގޮތް، ވަރަށް ސާފުކޮށް ފެންނަން މިއޮތީ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމު އޮޅުވާލައި، ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ގައުމު ގެންދިއުމަށެވެ. އަދި ދެން އޮތް ފިޔަވަޅަކީ ތިން އިންތިޚާބު އެއްކޮށްލަން ހުށަހެޅުން ކަމަށާއި، ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ގާތަށް ދިއުމާއި ރައްޔިތުންގެ އަޑުއެހުން ހުއްޓުވަން ކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލު ފާސްކުރުމަށް ނަގާ އެއްވެސް ވޯޓެއްގައި އެމްޑީޕީން ބައިވެރިނުވާނެ ކަމަށްވެސް އޭނާ އިއުލާނު ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޒިޔާދު ވިދާޅުވީ، އާންމުކޮށް ސަރުކާރުތަކުން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށެވެ. ނަމަވެސް، އިންތިޚާބުތައް އެއްކޮށްލުމުން އެ ފުރުސަތު ރައްޔިތުންނަށް ގެއްލި، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިގެންދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.