
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހުނު މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ވީނަމަވެސް، ބަލީގެ ވޭދަނަތަކެއް ފެންނަމުންދާތީ ކަމާގުޅޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެޗްޕީއޭ އިން މިއަދު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހިމަބިއްސަށް 22 މީހަކު ފައްސިވެފައިވާ އިރު، އޭގެ ތެރެއިން ދެ މީހުންނަކީ ނިމިދިޔަ ހަފްތާގެ ތެރޭގައި ބައްޔަށް ފައްސިވި މީހުން ކަމަށެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާއިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
ހިމަބިހީގެ ވޭދަނައެއް ފެނުމާ ގުޅިގެން، އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް އިންވެސްޓިގޭޝަން ކުރިއަށް ގެންދިއުމާއި، ބަލި މީހާއާ ގާތުން އެއްތަންވި މީހުން ދެނެގަނެ އެފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ. އެ އެޖެންސީން ފާހަގަކުރާ ގޮތުގައި، ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހިމަބިހީގެ އަލާމާތްތަކަށް ބަލާއިރު، ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. މި ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގަން ފަށާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގެ ހަމަށް ބިހިތައް ފެތުރިގެންދެއެވެ.
ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައެޅީ 2017 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ރާއްޖެއިން މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވެއެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.