
ރާއްޖޭގެ ބާޒާރުން ލިބެން ހުރި ބޭސްތަކުގެ ތަފުސީލު އޮންލައިންކޮށް ފަސޭހައިން ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ސަރުކާރުގެ ބޭސް ކުންފުނި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހަށް ރާއްޖޭން އެތައް ރުފިޔާއެއް ޚަރަދުކުރާއިރު، ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމަށެވެ. މިގޮތުން، ރާއްޖޭގައި ހުރި ބޭހުގެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ ޑިޖިޓަލް ސިސްޓަމެއް އޮތުން މުހިންމު ކަމަށާއި، އެފަދަ ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ސިސްޓަމް އައީމަ އަޅުގަނޑުމެނަށް އިނގޭނެ ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ. ކޮން ކުއަންޓިޓީއެއްގައިތޯ ހުރީ. ކޮން ފާމަސީއެއްގައިތޯ ހުރީ،" ޑރ. ޝާހު ވިދާޅުވިއެވެ.
ޑރ. ޝާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ބޭނުންކުރާ ނިޒާމުގެ ތެރެއިން ރާއްޖޭން ލިބެން ހުރި ބޭހުގެ ތަފުސީލުތައް ޑޮކްޓަރުންނަށް ވެސް ފެންނާކަށް ނުހުރެއެވެ. ނަމަވެސް އަލަށް އުފައްދާ ސިސްޓަމާއެކު ޑޮކްޓަރުންނަށް ވެސް ބޭސް ހުރިތޯ ބަލައިލުމަށް ފަސޭހަވެގެންދާނެއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް އެ ކުންފުނިން ރާއްޖެއަށް ބޭސް އެތެރެކުރަން ފަށާފައިވަނީ ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ މަހުގެ ތެރޭގައެވެ. ބޭސް ނުލިބުމުގެ ޝަކުވާތައް އާންމުންގެ ތެރޭގައި އިތުރުވަމުންދާތީ، އެ ކުންފުނިން ވަނީ ބޭސް ހޯދުން ފަސޭހަކުރުމަށްޓަކައި މިހާރު ޚާއްސަ ޕޯޓަލަކާއި ހޮޓްލައިނެއް ވެސް ތައާރަފުކޮށްފައެވެ.
ބޭހުގެ މައުލޫމާތު އެނގޭނެ މިފަދަ ޒަމާނީ ނިޒާމެއް ގާއިމުވުމުން، އާންމުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.