info@redhan.media

whiteLogo

32.45 C

navLogo

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފި

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފި
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިނގައިގެން ރިޕޯޓުކުރި އެކްސިޑެންޓުތަކުގެ އަދަދު 2,000 އިން މައްޗަށް އަރައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހިނގާ މަހުގެ މިހާތަނަށް އެކަނިވެސް 96 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 2,379 އެކްސިޑެންޓް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މިއަހަރު ފުލުހުންނަށް ހުށަހެޅުނު ޖުމްލަ 9,912 މައްސަލައިގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 2,753 މައްސަލައެއް މިހާތަނަށް ވަނީ ހުށަހަޅާފައެވެ.

ހާއްސަކޮށް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެކަން ހައްލުކުރުމަށް ފުލުހުން މިހާރު ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ މަގުމަތީގެ ގަވާއިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ދީފައެވެ.

މި އާ އުސޫލުގެ ދަށުން ރަޖިސްޓަރީ ނުކޮށް ނުވަތަ ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާއިރު، ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 1,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މި މައްސަލައިގައި ފުލުހުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ދާދިފަހުން ނިންމާފައެވެ. މިއީ މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށާއި، މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމުގެ މަގުސޫދުގައި ނިންމި ނިންމުމެކެވެ.

Rate this article

Leave a Comment

Comments (0)