
މިއަހަރު ނިމޭއިރު ޖުމްލަ 442 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި، އާންމު ކުރެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު ހުށަހަޅުއްވައި، އޮފީހުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ އޮޑިޓް ޤާނޫނުގެ ދަށުން އުފައްދާފައިވާ، ދައުލަތުގެ މާލީ ހިސާބުތަކާއި ވަސީލަތްތައް ބޭނުންކުރާ ގޮތް މިނިވަންކަމާއެކު އޮޑިޓްކޮށް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓްކޮށް އަދި ރައްޔިތުންނާ ހަމައަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ އޮތް މުއައްސަސާއެވެ. މިގޮތުން ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކާއި ކޮމްޕްލަޔަންސް އޮޑިޓްތަކުގެ އިތުރުން، ދައުލަތުގެ ފައިސާ އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭތޯ ބެލުމަށް ޕާފޯމަންސް އޮޑިޓްތައް ކުރިއަށްގެންދިއުމަކީވެސް އެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތެކެވެ.
މި ޒިންމާތައް އަދާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވަމުން އޮޑިޓް އޮފީހުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އާންމުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި މުހިންމު އޮޑިޓްތަކެއް ހިމެނެއެވެ.
މިހާތަނަށްނިންމައިއާންމުކޮށްފައިވާއޮޑިޓްތަކުގެތަފްސީލު:
ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި 35 އޮޑިޓް
ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅުންހުރި 34 އޮޑިޓް
ކައުންސިލްތަކާ ގުޅުންހުރި 62 އޮޑިޓް
ޚާއްސަ 8 އޮޑިޓް
ޕަބްލިކް ފަންޑާއި ސްކީމްތަކާ ގުޅުންހުރި 3 އޮޑިޓް
އިންފޮމޭޝަން ސިސްޓަމްތަކާ ގުޅުންހުރި 5 އޮޑިޓް
މާލީ އިދާރާތަކާ ގުޅުންހުރި 3 އޮޑިޓް
ޕަރފޯމަންސް 1 އޮޑިޓް
ބަޖެޓާއި ފިސްކަލް އަދި ދަރަންޏާ ގުޅުންހުރި 1 އޮޑިޓް
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާކުރައްވާ ގޮތުގައި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 259 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. މިއާއެކު މިއަހަރުގެ ތެރޭގައި ޖުމްލަ 442 އޮޑިޓު ނިންމައި އާންމުކުރެވޭނެ ކަމަށް އެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ އޮޑިޓުތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށް ލަފާކުރެވޭއިރު، އެ އޮޑިޓުތަކާއެކު އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 394 އޮޑިޓެއްގެ މަސައްކަތް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޖިލީހުގެ ކޮމިޓީގައި ވިދާޅުވިއެވެ.