info@redhan.media

whiteLogo

32.45 C

navLogo

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އިސްތިއުފާ ދެއްވައިފި

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އިސްތިއުފާ ދެއްވައިފި
ޕޮޓޯ: ސޯސަލް މީޑިޔާ
މަރިޔަމް

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. އައިޝަތު ޝިހާމް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު، ނޮވެމްބަރު 2023 ގައެވެ. ނަމަވެސް، އޭނާ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި، ރާއްޖޭގެ ފަސް ސިޓީން ސަރުކާރު ހިންގާ ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ބައެއް އިސް ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި ޑރ. އައިޝަތު ޝިހާމްގެ އިސްތިއުފާ މިވަނީ އައިސްފައެވެ.

އިންތިހާބަށް ފަހު ސަރުކާރުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހުގެ އިތުރުން އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާނާއި، އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދުގެ އިތުރުން މިފްކޯގެ އެމްޑީ ފަރުހަތު ޝަހީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ފަހަކަށް އައިސް ސަރުކާރުގެ އިސް މަގާމުތަކުން ގިނަ ބޭފުޅުންތަކެއް ވަކިވަމުންދާއިރު، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

Rate this article

Leave a Comment

Comments (0)