
ގެއްލުނު ފަތުރުވެރިންތަކެއް ހޯދުމަށް ހިންގި ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނެއްގެ ތެރޭގައި ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، މުޙައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ.
މަހުދީ ނިޔާވީ، ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ނުފެނި ތިބި ހަތަރު މީހުން ހޯދުމަށް މިއަދު މެންދުރުފަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރޭގައެވެ. މަހުދީގެ ވަކިވެދިއުމާ ގުޅިގެން، އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޖަނާޒާގެ ކުރިން ވަނީ "ސާޖަންޓް ފަސްޓް ކުލާސް" ގެ މަގާމަށް އޭނާ ޕްރޮމޯޓް ކޮށްފައެވެ.
މަހުދީގެ ކަށުނަމާދު އޮތީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދަށްފަހު، ރަސްމީ އިއްޒަތުގައި އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ މައްޗަންގޮޅި އާސަހަރާގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، މަހުދީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވިއެވެ.
ޖަނާޒާގައި ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރޭކޮވިޣް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިފައިންގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ސިފައިންނާއި އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދުގެ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން ބައިވެރިވި ކަމަށެވެ. ނަމަވެސް، ޑައިވަރުން މޫދުން މައްޗަށް އެރިއިރު މަހުދީ ނެތްކަން ފާހަގަކުރެވުމުން، އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި ހޯދި ހޯދުމުގެ ތެރޭގައި އޭނާ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މަހުދީ ނިޔާވީ ގައުމީ ވާޖިބެއް އަދާކުރުމުގެ މަތިވެރި މަސައްކަތެއްގައި އުޅެނިކޮށް ކަމަށްވާތީ، މުޅި ގައުމު އަންނަނީ އޭނާގެ ވަކިވުމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.