
މި ހިނގާ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޭތުވެދިޔަ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ގދ. ނަޑެއްލާ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝަފޫރާ ހަސަން ކާމިޔާބު ކުރައްވައިފިއެވެ.
-1775461796533.webp)
ސިޔާސީ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި ބޭއްވުނު މި އިންތިޚާބުގައި ޝަފޫރާ ޙަސަން މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓާ ވާދަކުރައްވައިގެންނެވެ. ސަރުކާރުގެ ފަރާތުން މި މަގާމަށް ވާދަކުރެއްވީ މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި އެ ކޮމެޓީގެ މެންބަރުކަން ކުރައްވާފައިވާ އައިމިނަތް ޒޫނާއެވެ.
މި ކާމިޔާބީއަކީ އެމްޑީޕީއަށް އެ ދާއިރާއިން ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. ޚާއްޞަކޮށް، ނަޑެއްލާއަކީ އެމްޑީޕީގެ މަޑަވެލި ދާއިރާގެ ރައީސް އަދި ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ނާޕިޒް (ޗިކާ) ގެ އުފަން ރަށް ކަމަށްވުމުން، މިއީ އެ ޕާޓީއަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ. މީގެ އިތުރުން، ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރެވިފައިވާ ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ޝަހުދާ ވެސް ވަނީ މި އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
-1775461684239.webp)
މި ކާމިޔާބީއާ ގުޅިގެން "ރެދަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ނާޕިޒް (ޗިކާ) ވިދާޅުވީ، މިއީ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ފަޅިން މި އިންތިޚާބުގައި 95 އިންސައްތަ ލިބޭނެ ކަމަށާއި 6 ގޮނޑި ނަގާނެ ކަމަށް ބުނެ ފޮނިކަނޑަމުން ދިޔަ ނަމަވެސް، ނަތީޖާ އައީ އެއާ މުޅިން އިދިކޮޅަށެވެ.
"ވޯޓަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ނަޑެއްލާއިން ވެސް މި އިންތިޚާބާ ދިމާކޮށް 22 ވަޒީފާ ދީ، ނާގާބިލު އެތައް ބަޔަކަށް ޕްރޮމޯޝަން ދީފައިވޭ. އަދި ވަޒީފާގައި ތިބި މީހުންނަށް އިންތިހާއަށް ބިރުދެއްކުން އޮތް،" ޗިކާ ވިދާޅުވިއެވެ. ނަމަވެސް، މިފަދަ ނުފޫޒުތަކާއެކުވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ރަށުގެ ރައްޔިތުންގެ އިތުބާރު ހޯއްދަވައި، ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނުއިރު، ނަޑެއްލާގެ 58.71 އިންސައްތަ ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް "ނޫނެކޭ" ބުނެފައެވެ.
-1775461708328.webp)
ޗިކާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑަށް ހޭލުންތެރިވެފައެވެ. އަދި ދެ އިންތިޚާބު އެއްކޮށްލަން ނެގި ވޯޓުން އެކަން ސާފުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ނާގާބިލު ސަރުކާރެއް ކަމަށް ސިފަކުރައްވަމުން، ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޗިކާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު މި ބޮޑު ކާމިޔާބީ ފާހަގަކުރުމަށްޓަކައި މިރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އެ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ. މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ރާއްޖޭގެ 5 ސިޓީ ކައުންސިލެއްގެ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބުގެ ރަސްމީ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ބެލެވެއެވެ. އައިޝަތު ޝަފޫރާގެ މި ކާމިޔާބީއާއެކު ނަޑެއްލާގެ އަންހެނުންގެ ތަރައްގީއަށާއި ރަށުގެ އިޖުތިމާއީ ކަންކަމަށް އާ ބާރެއް ލިބިގެންދާނެ ކަމަށް ރަށުގެ ގިނަ ރައްޔިތުން އުންމީދު ކުރެއެވެ.