info@redhan.media

whiteLogo

32.45 C

navLogo

ހދ. ނެއްލައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
ފޮޓޯ: ބިނާރާ ބެހޭ ވުޒާރާ
Redhan News Room

މި ރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތްތައް މުޅިން ނިންމައި، އެ ނިޒާމު ޓެސްޓުކޮށް ކޮމިޝަންކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އޮޕެކް ފަންޑާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ޓެސްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސައްކަތްތައް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މަޝްރޫއަކީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް ވެންޗާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ނެއްލައިދޫގައި ވަނީ ވަރަށް ފުރިހަމަ ވަސީލަތްތަކެއް ގާއިމުކޮށްފައެވެ. އެގޮތުން، ފެން ޓެސްޓުކުރެވޭނެ ޒަމާނީ ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރުއޯ (RO) ޕްލާންޓް އިމާރާތެއް ވަނީ ބިނާކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯވޮޓްގެ ސޯލަ ޕެނަލް ވަނީ ހަރުކޮށްފައެވެ.

ފެނުގެ ނިޒާމުގެ ތަފްސީލަށް ބަލާއިރު، ދެ ބޯހޯލް ތޮރުފައި، ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، ބޯފެން ރައްކާކުރުމަށް 200 ޓަނުގެ ދެ ޓޭންކާއި، 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވެސް ވަނީ ގާއިމުކޮށްފައެވެ. ރަށުގެ އެކި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ.

ނަރުދަމާ ނިޒާމުގެ ދަށުން 7.5 ކިލޯ މީޓަރުގެ ވިއުގައަކާއި، ދެ ޕަންޕިން ސްޓޭޝަނާއި، ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ގާއިމުކޮށްފައެވެ. އަދި ސީ އައުޓްފޯލް އެޅުމާއި، ގޭބިސީތަކުގައި ކެޗްޕިޓް ބެހެއްޓުމުގެ އިތުރުން ފެން މީޓަރު ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމިފައިވުމާއެކު، ދެން އޮތީ މި ނިޒާމު ރަސްމީކޮށް އޮޕަރޭޓް ކުރާނެ ފަރާތަކާ ހަވާލުކުރުމުގެ މަރުހަލާ ކަމަށެވެ. މިއީ ނެއްލައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ މުހިންމު މަޝްރޫއެކެވެ.

Rate this article

Leave a Comment

Comments (0)