
ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އަންނަ ޖޫން މަހުގެ ތެރޭގައި އެ ސެންޓަރުގައި މުޅިން އަލަށް ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން ޚިދުމަތް ދޭން ފަށާނެކަން އިޢުލާންކޮށްފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތެލަސީމިއާ ދުވަހާ ގުޅުވައިގެން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، އައިޖީއެމްއެޗްގެ އެހީތެރިކަމާއެކު ދިވެހި ހެމަޓޮލޮޖިސްޓެއްގެ ޚިދުމަތް ޖޫން މަހު ފެށުމަށް މިހާރު ވަނީ ޚާއްސަ ޑޮކްޓަރަކު ރެކްރޫޓްކޮށްފައި ކަމަށެވެ. މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ އޮންކޯލް ޚިދުމަތް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލަސީމިއާ ކުދިންނަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މިދިޔަ އަހަރުގެ މެއި މަހު ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ޕޭޝަންޓް ކެއަރ ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތެލަސީމިއާ ކުދިންނަށް ޚާއްސަ އެލަވަންސެއް ދޭން ފަށާފައިވާއިރު، 32 އަހަރަށްފަހު ހުކުރު ދުވަހުވެސް ސެންޓަރުން ޚިދުމަތް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
ކުރިއަށް ހުރި މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ހަލީމް ވިދާޅުވީ، ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ "ނެޓް" ޓެސްޓިންގ ޚިދުމަތް ޖުލައި މަހުގެ ކުރިން ފަށާނެ ކަމަށެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި އެޅޭ ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، ލިވަރ ފައިބްރޯސިސް ސްކޭންގެ ޚިދުމަތާއި، އަންހެނުންގެ ޚާއްސަ ބަލިތަކުގެ އޮންކޯލް ޚިދުމަތްވެސް މިއަހަރު ތެރޭގައި ތައާރަފްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މިއަހަރުގެ މިހާތަނަށް 4 ތެލަސީމިއާ ކުދިން އުފަންވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ސީއީއޯ ވިދާޅުވީ، ކައިވެނީގެ ކުރިން ދެވޭ ކައުންސިލިން ހިމެނޭހެން ހޭލުންތެރިކުރުވުމުގެ ޚާއްސަ ނިޒާމެއް މިއަހަރު ތައާރަފްކުރާނެ ކަމަށެވެ. އަދި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދަފްތަރު ޑިޖިޓަލައިޒްކުރުމުން، ލޭ ހޯދުމުގައާއި ހަދިޔާކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.