
ނ. ހޮޅުދޫގައި ގާއިމުކުރި ފެނުގެ ނިޒާމުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް ނިމި، އެ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކޮށްފިކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ޖުމްލަ 16 މިލިއަން ރުފިޔާ ހޭދަކޮށްގެން ހޮޅުދޫގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން ހޮޅުދޫގައި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި 6.6 ކިލޯމީޓަރުގެ ދިގު ފެން ވިއުގައެއް ވަނީ ގާއިމުކޮށްފައެވެ. އަދި ފެން އުފެއްދުމާއި ރައްކާކުރުމަށްޓަކައި 60 ޓަނުގެ ދެ އާރްއޯ (ރިވާސް އޮސްމޯސިސް) ޕްލާންޓާއި، 25 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، ބޯފެން ރައްކާކުރުމަށް 350 ޓަނުގެ ދެ ޓޭންކާއި، ވާރޭ ފެން ރައްކާކުރުމަށް 200 ޓަނުގެ ޓޭންކެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ބިނާކޮށްފައެވެ.
މި ނިޒާމު ކޮމިޝަން ކުރުމުގެ މަރުހަލާގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ހަމީދާއި، ވުޒާރާގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން، ކޮންޓްރެކްޓަރާއި ފެނަކަ ކޯޕަރޭޝަން އަދި ރަށު ކައުންސިލުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ބުނީ، އަމަލީ މަސައްކަތްތައް ނިމި ކޮމިޝަން ކުރުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ނިމިފައިވާތީ، މިހާރު ކުރިއަށްދަނީ މި ނިޒާމު ހިންގުމަށްޓަކައި ކަނޑައަޅާފައިވާ އޮޕަރޭޓަރާ ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ހޮޅުދޫގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތްވެސް ދެމުންދާ ފެނަކަ ކޯޕަރޭޝަނުންނެވެ.
1,400 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނ. ހޮޅުދޫގައި މި ނިޒާމު ގާއިމުވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.