
ކ. މާފުށީގައި ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ އުރީދޫ މަސް ރޭހުގެ މާފުށީ އެޑިޝަންގެ ޗެމްޕިއަންކަން ރޭ ޓީމް އެންޒީން ހޯދައިފިއެވެ.
ޖުމްލަ 14 ޓީމަކުން ވާދަކުރި މި މުބާރާތުގައި ބައިވެރިވި ޓީމުތައް މަސްވެރިކަމަށް ފުރާފައިވަނީ އިއްޔެ މެންދުރުފަހު 2:15 ގައެވެ. އަދި ފޯރިގަދަ ވަގުތުތަކަކަށް ފަހު މަސްވެރިކަން ނިންމާލުމަށްފަހު ހުރިހާ ޓީމުތަކެއް އެނބުރި ރަށަށް އައިސްފައިވަނީ ރޭ 9:00 ގައެވެ.
މި މުބާރާތުގެ އެއްވަނަ ހޯދައި ޗެމްޕިއަންކަން ޓީމް އެންޒީން ހޯދާފައިވަނީ 923 ޕޮއިންޓުގެ ބޮޑު ނަތީޖާއަކުންނެވެ. މި މުބާރާތުގެ ދެވަނަ 606.25 ޕޮއިންޓާއެކު ސްޓެލްކޯގެ ފިރިހެން ޓީމު ހޯދިއިރު، ތިންވަނަ ޓީމަކަށް ހޮވިފައިވަނީ 597.75 ޕޮއިންޓް ހޯދި އޭވިއަން ޓީމެވެ.
މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމުތަކަށް ފައިސާގެ އިނާމު ވެސް ވަނީ ދީފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ދެވަނައަށް ދިޔަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ހޯދި ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.
އުރީދޫން ހާމަކުރި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ކާބަފައިންގެ ޒަމާންވީ މަސްވެރިކަމުގެ އަގުހުރި އާދަކާދަތައް ދިރުވައި އާލާކުރުމެވެ. މީގެ އިތުރުން މިއީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭ މަސްވެރިންގެ އީދެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
އުރީދޫ މަސްރޭހަކީ ފެށުނީއްސުރެވެސް ހަމައެކަނި ވާދަވެރި މުބާރާތަކަށް ވުރެ ބޮޑަށް، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވައި މުޖުތަމައުގެ ހިތްތަކުން ބޮޑު ޖާގައެއް ހޯދާފައިވާ މަގުބޫލު ހަރަކާތެކެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އުރީދޫ މަސްރޭސް 2025 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.