-1778672861243.webp)
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި، އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ނާޒިމް މަގާމުން ވަކިކުރުމަށެވެ. ނަމަވެސް، މި ބައްދަލުވުމުގައި ނާޒިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ޕާލަމެންޓްރީ ގްރޫޕުން މިގޮތަށް ފާސްކުރުމާ ގުޅިގެން، ނާޒިމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ. އެގޮތުން، ބައްދަލުވުން ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕީއެންސީގެ 40 އަށްވުރެ ގިނަ މެންބަރުން ވަނީ މި ގަރާރުގައި ސޮއިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެންބަރުންގެ ސޮޔެވެ. މި މައްސަލަ މަޖިލީހުން ފާސްވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބަލަހައްޓަވާ މި ދައުރުގައި، ސަރުކާރު ހިންގާ ޕާޓީގެ ތެރެއިން މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނާޒިމް ހުރަސްއަޅުއްވާ ކަމަށް ބުނެ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.