-1790664312200.webp)
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ނުރައްކާތެރި، އެތައް ގެއްލުންތަކެއް ލިބޭ ކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް، ސައިންސްވެރިންގެ ހޯދުންތައް ދައްކާ ގޮތުގައި އަޅުގަނޑުމެން ބޭނުންކުރާ ސެންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށްވުރެ ވެސް ހަށިގަނޑަށް ވިހަ މާއްދާތައް އިތުރުވާނެ އެއްޗެކެވެ. މީގެއިތުރުން، މާލީ ގޮތުން ބެލި ކަމުގައި ވިޔަސް، އާންމުކޮށް ސިގިރޭޓަށް ކުރާ ހޭދައަށްވުރެ ސެންޓަށް ކުރާ ހޭދަ ތިންގުނަ ބޮޑެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި މީހަކަށް ހަދިޔާއެއް ދޭން ބުންޔަސް މި ބުނެވެނީ ސެންޓުފުޅިއެއް ދިނުމަށެވެ. ނަމަވެސް މިއީ ފަނިފަކުސަ މަރާ ބޭސް ފުޅިއެއް ހަދިޔާކުރުން ފަދަ ނުރައްކާތެރި ކަމެކެވެ. މިއީ ވާހަކަ މާބޮޑުކޮށްލުމެއް ނޫނެވެ. މިއީ މިކަމުގެ ސަބަބުން ސިއްހަތަށް ލިބޭ ނުރައްކާތެރި ގެއްލުންތަކާމެދު މުޖުތަމައު ހޭލުންތެރިކުރުމަށްޓަކައި ދައްކަން ޖެހިފައިވާ މުހިންމު ވާހަކައެކެވެ.
ސައިންސްވެރިން ހާމަކުރާ ގޮތުގައި ސެންޓު އުފެއްދުމުގެ ސިނާއަތުގައި ހާމަ ނުކުރާ ތިންހާހަށްވުރެ ގިނަ ކެމިކަލް މާއްދާތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ހަށިގަނޑަށް އިންތިހާއަށް ނުރައްކާތެރި 'ހެވީ މެޓަލް' ވެސް ހިމެނެއެވެ. ސައިންސްވެރިންނާއި ސިއްހީ މާހިރުން ސިފަކުރާ ގޮތުގައި، މިފަދަ ސެންޓުތައް ބޭނުންކުރުމަކީ ހަށިގަނޑަށް 'ޕެސްޓިސައިޑް' ނުވަތަ ފަނިފަކުސަ މަރާ ބޭސް ޖެހުން ފަދަ ނުރައްކާތެރި ކަމެކެވެ. މިފަދަ އުފެއްދުންތައް އުފައްދައި މާކެޓްކުރުމުގައި ހަރުދަނާ ގަވާއިދުތަކެއް އެކަށައެޅިފައި ނެތުމުގެ ސަބަބުން، ކުންފުނިތަކުން އެމީހުން ބޭނުންވާ ކޮންމެ މާއްދާއެއް އެއްވެސް ހުރަހެއްނެތި ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
މީގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އާންމުކޮށް މީހުންނަށް ވަޒަން ނުކުރެވުނު ނަމަވެސް، ސެންޓު ބޭނުންކުރުމުން ބޮލުގެ އެއްފަޅީގައި ރިއްސުމާއި (މައިގްރޭން)، އަދި ނޭވާ ހިއްލުމުގެ އުނދަގޫތައް ކުރިމަތިވެއެވެ. މިއަދު ސެންޓަށް އެލާޖިކްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދަނީ ވެސް މި ސަބަބާ ހުރެއެވެ. މީގެއިތުރުން ދާއިމީ އެކި ބަލިތައް އިތުރަށް ގޯސްވުމަށް ވެސް މެދުވެރިވެއެވެ. ހަމައެއާއެކު، ބައެއް މީހުން ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާ ކައި، ގަވާއިދުން ކަސްރަތު ކުރި ނަމަވެސް ބަރުދަން ލުއިނުވެގެން އުޅެނީ މި ސަބަބާ ހުރެއެވެ. ކޮންމެ ދުވަހަކު ސެންޓު ބޭނުންކުރުމުގެ ސަބަބުން، ހަށިގަނޑުގެ ވިހަ މާއްދާތައް ސާފުކޮށްދޭ މައިގަނޑު ގުނަވަން ކަމުގައިވާ ފުރަމޭއަށް ބާރުބޮޑުވެ، އޭގެ ގުދުރަތީ މަސައްކަތަށް ތަކުރާރުކޮށް ހުރަސްއެޅެއެވެ.
ސައިންސްވެރިންގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ބައެއް ސެންޓުތަކުގެ ތެރޭގައި ސިއްހަތަށް ނުރައްކާތެރި 'ސިންތެޓިކް މަސްކް' ފަދަ މާއްދާތައް އެކުލެވިގެންވެއެވެ. ސެންޓަކީ ހަމައެކަނި އަޅުގަނޑުމެންގެ ހެދުމުގައި ނުވަތަ ހަންގަނޑުގައި ޖަހާ އެއްޗެއް ކަމުގައި ވިޔަސް، އެއިން ނުކުންނަ ވަސް ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމަކީ ސިއްހަތަށް ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ވުމާއެކު، މީރުވަސް ދުއްވުމުގެ ނަމުގައި އަޅުގަނޑުމެންގެ ހަށިގަނޑަށް އެތެރެކުރެވޭ މިފަދަ ނުރައްކާތެރި ވިހަ ކެމިކަލްތަކާމެދު ފުންކޮށް ވިސްނައި، ސެންޓު ބޭނުންކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ހޭލުންތެރިވާން ޖެހެއެވެ.