
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް ކަމަށްވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން (ހެލްތު، ފެމިލީ އެންޑް ވެލްފެއަރ) ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" އަކީ 5 އެޕްރީލް 2010 ގައި ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" މުޢާހަދާއިން ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ކަށަވަރުކޮށްދޭ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، އެ މުޢާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ މުހިންމު ޕްރޮޓޮކޯލެކެވެ.
މި ޕްރޮޓޮކޯލަކީ މައި މުޢާހަދާ ތަޞްދީޤުކޮށްފައިވާ ޤައުމުތަކަށް އިޚްތިޔާރީ ގޮތެއްގައި ބައިވެރިވެވޭ ގޮތަށް އޮންނަ ޕްރޮޓޮކޯލެކެވެ. ރާއްޖެއިން 2010 ވަނަ އަހަރު މައި މުޢާހަދާ ތަޞްދީޤުކުރި ނަމަވެސް، މިހާތަނަށް މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އެކި ނިޒާމުތަކުގެ ދަށުން ރާއްޖޭގެ ޙާލަތު ރިވިއުކުރި އެކި ފަހަރުމަތިން، މި ޕްރޮޓޮކޯލް ވީއެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް ރާއްޖެއަށް ގިނަ ރެކޮމެންޑޭޝަންތަކެއް ވަނީ ލިބިފައެވެ.
މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި، މުޢާހަދާ ތަންފީޒުކުރުން ހަރުދަނާކުރުމަށް މައިގަނޑު ދެ ނިޒާމެއް ބަޔާންކޮށްފައިވެއެވެ:
1-ވަކިވަކިފަރުދުންގެޝަކުވާހުށަހެޅުމުގެނިޒާމު(އިންޑިވިޖުއަލްކޮމިއުނިކޭޝަންސް): ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ޙައްޤެއް ގެއްލިއްޖެ ނުވަތަ ނިގުޅައިގަނެވިއްޖެ ޙާލަތެއްގައި، އެ ޤައުމެއްގެ ދާޚިލީ ޤާނޫނީ މަރުޙަލާތަކާއި އިޖުރާޢަތުތައް ފުރިހަމަކޮށް ނިމުމުން، އެކަމާ ގުޅޭ ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުޞަތު މި ނިޒާމުގެ ދަށުން ލިބިގެންދެއެވެ.
2-އިންކުއަރީނިޒާމު: މެންބަރު ޤައުމަކުން މި މުޢާހަދާގައި ބަޔާންކުރާ ޙައްޤަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ތުހުމަތު ކުރެވިއްޖެނަމަ، އެ މައްސަލައެއް ބަލައި ތަޙުޤީޤުކުރުމުގެ (އިންކުއަރީ ހިންގުމުގެ) ބާރު އދ. ގެ ކޮމިޓީއަށް މި ނިޒާމުގެ ދަށުން ލިބިދެއެވެ.
މި ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ލިބިދޭ ޤާނޫނީ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.