
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ސައުދީ ސަރުކާރުގެ ފުރިހަމަ މެހެމާންދާރީ އާއި ޚަރަދުގައި ކުރައްވާ ދަތުރުފުޅެކެވެ. މީގެ ކުރިންވެސް ސައުދީ ރޯޔަލް ކޯޓުގެ ޚާއްޞަ މެހެމާންދާރީގައި ރައީސްގެ ދެކަނބަލުން ވަނީ ޙައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަން ފުރިހަމަކުރައްވާފައެވެ.
އެ ދަތުރުފުޅުގެ ހުރިހާ ކަމެއް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ. އަދި، މިދިޔަ އަހަރު ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ހައްޖަށް ވެސް ވަޑައިގެންފައެވެ.