info@redhan.media

whiteLogo

32.45 C

navLogo

ދީނާ ސިޔާސަތު ވަކިކުރާ ފަރާތްތައް ނުރުހުނަސް ދައުލަތް ހިންގުމުގައި އިސްކުރާނީ އިސްލާމްދީން: ރައީސް

ދީނާ ސިޔާސަތު ވަކިކުރާ ފަރާތްތައް ނުރުހުނަސް ދައުލަތް ހިންގުމުގައި އިސްކުރާނީ އިސްލާމްދީން: ރައީސް
ޕޮޓޯ: ރައިސް އޮފީސް
މަރިޔަމް

އިސްލާމްދީނާއި ސިޔާސަތަކީ ވަކި ދެ އެއްޗެއް ކަމަށް ދައްކައި، އެގޮތަށް ވަކާލާތު ކުރާ ފަރާތްތައް ނުރުހުނު ކަމުގައި ވިޔަސް، ދިވެހި ދައުލަތް ހިންގުމުގައި އަބަދުވެސް އިސްކުރާނީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. މި ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

ރައީސްގެ ބަޔާނުގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން ފާހަގަކުރައްވައި، ގައުމުގެ ހުރިހާ ކަމެއް ބައްޓަންކުރަންވާނީ އިސްލާމްދީނުގައިވާ ގޮތުގެ މަތީން ކަމަށް ބާރުއަޅުއްވައި ވިދާޅުވިއެވެ.

"ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ އުސޫލުތަކާ ހަމަތަކަށް ކަންކަން ބައްޓަންކޮށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު. އެހެނީ މާތް الله މާތްވެގެންވާ އިސްލާމްދީނުގައި، އަޅުގަނޑުމެން މުސްލިމުން އުޅެން އެކަލާނގެ ރުހިވޮޑިގެންވާ ގޮތް ވަނީ، ފުރިހަމަކޮށް ބަޔާން ކުރައްވާފަ. އަޅުގަނޑުމެންގެ މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގައި ކަންކަން ބައްޓަންކުރަންވާނީ މި ފުރިހަމަ ދީނުގައިވާ ގޮތުގެ މަތީން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ދައުލަތް ހިންގުމުގެ ކަންކަން އިސްލާމްދީނާ އެއްގޮތަށް ބައްޓަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެއްކަން ފާހަގަކުރައްވައި، ބައެއްގެ ނުރުހުން އަމާޒުވި ނަމަވެސް އެ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގައި ދީނުގައިވާ ގޮތަށް ކަންކަން ހިންގުމަށް ސިޔާސަތުތައް ބައްޓަންކުރުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޒިންމާއެކެވެ.

"ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް،" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދުގެ ރިޔާސީ ބަޔާން ފެއްޓެވީވެސް ދީނީ ގޮތުން ފާއިތުވި އަހަރު ކުރެވުނު މުހިންމު މަސައްކަތްތަކާއި، މިއަހަރުގެ ތެރޭގައި ކުރަން ރޭވިފައިވާ ދީނީ ކަންކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުންނެވެ. މި ޖަލްސާގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Rate this article

Leave a Comment

Comments (0)