info@redhan.media

whiteLogo

32.45 C

navLogo

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ޕޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
Redhan News Room

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، ޖުމްލަ 138 ބައިވެރިން ވާދަކުރި މި މުބާރާތުގެ އެކި ގޮފިތަކުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ އަގުބޮޑު އަދި ޝަރަފުވެރި އިނާމުތަކެއް ދެއްވާފައެވެ. އެގޮތުން، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން އަދި ޙާފިޘުންގެ ގޮފިން 1 ވަނަ ހާސިލުކުރި ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ތިން ގޮފިން 1 ވަނަ ހޯދި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ހަނދާނީ ފިލައާއި، އެމަނިކުފާނު ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ދާއިރާއަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވިއެވެ. މީގެއިތުރުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި ދީނީ ކަންކަމަށް އެހީވާ ވަޤުފު ފަންޑު ހިމެނޭހެން އިސްލާމީ ކަންތައްތަކާއި އަވްޤާފާ ބެހޭ ވުޒާރާއިން ދެއްވާ ފައިސާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓަޑުން ހުށަހެޅި ޢުމްރާ ދަތުރާއި ޓްރޮފީވެސް މި ބައިވެރިންނާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އިނާމު ދެއްވުމަށްފަހު އެމަނިކުފާނު ވަނީ ވަނަތައް ހޯދި ބައިވެރިންނާއެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

Loading tweet...

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން އަދި ޙާފިޘުންގެ ގޮފިން 2 ވަނަ އަދި 3 ވަނަ ހާސިލުކުރި ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މީގެ ކުރިން މުއައްސަސާތައް ތަމްސީލުކޮށްގެން އެކަނި ބައިވެރިވެވޭ ގޮތަށް އޮތް މި މުބާރާތް މިފަހަރު ބާއްވާފައިވަނީ ބައިވެރިވާން ބޭނުންވި ކޮންމެ މީހަކަށްވެސް ފަރުދީ ގޮތުން ބައިވެރިވެ، އޮޑިޝަން ބުރުގައި ވާދަކުރެވޭ އުސޫލުންނެވެ. ސެމީ ފައިނަލް އަދި ފައިނަލް ބުރަކާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ހުރިހާ އިދާރީ ކަމެއް ޑިޖިޓަލައިޒްކޮށްފައިވާއިރު، ޤަވާއިދަށް ގެނައި ބަދަލުތަކާއެކު ސެމީ ފައިނަލް އަދި ފައިނަލް ބުރުގެ ކިޔެވުންތަކަށް އިންސާފުކުރުމަށް އެކުލަވާލި ދެ ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ދިރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވައެވެ. މިގޮތުން ޤައުމީ ޤުރުއާން މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވިގެން ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މީގެއިތުރުންވެސް، ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އޭގެ ތެރޭގައި ޙާފިޡުންނަށް ދައުލަތުން ދޭ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކޮށް، އަތޮޅުތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.

Rate this article

Leave a Comment

Comments (0)