-1779717543208.webp)
ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ 15 ރަށެއްގައި ލެބޯޓްރީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން މިއަދު އިއުލާނުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ލެބޯޓްރީ ގާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
ރ. ފައިނު
ނ. ކުޑަފަރި
ނ. ފޮއްދޫ
ބ. ކުޑަރިކިލު
ބ. ދޮންފަނު
މ. ރަތްމަންދޫ
ލ. މުންޑޫ
ލ. ކުނަހަންދޫ
ށ. ގޮއިދޫ
ހއ. މުރައިދޫ
ހދ. ކުމުންދޫ
ހދ. ނައިވާދޫ
ތ. އޮމަދޫ
ތ. ގާދިއްފުށި
އދ. އޮމަދޫ
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 8 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރަންޖެހޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފައިނު، ކުޑަފަރި، ފޮއްދޫ، ކުޑަރިކިލު، ދޮންފަނު، ގޮއިދޫ، މުރައިދޫ، ކުމުންދޫ އަދި ނައިވާދޫގެ ލެބޯޓްރީ މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖޫން ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި ހެލްތު މިނިސްޓްރީގައެވެ.
ރަތްމަންދޫ، މުންޑޫ، ކުނަހަންދޫ، އޮމަދޫ، ގާދިއްފުށި އަދި ދިއްދޫ ލެބޯޓްރީގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 11:00 ގައެވެ. މިނިސްޓްރީން ބުނީ ޖޫން 8 ގެ ކުރިން ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިނިސްޓްރީގެ ޓެންޑަރ އީމެއިލަށް މެއިލް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
ލެބޯޓްރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ވަނީ އަލަށް ގާއިމުކޮށްފައެވެ.