info@redhan.media

whiteLogo

32.45 C

navLogo

ސިނގިރޭޓު ޑިއުޓީ ރޭޓު 4ރ.އަށް ކުޑަކުރަން ސަރުކާރުން މަޖިލީހަށް ބިލު ހުށަހަޅައިފި

ސިނގިރޭޓު ޑިއުޓީ ރޭޓު 4ރ.އަށް ކުޑަކުރަން ސަރުކާރުން މަޖިލީހަށް ބިލު ހުށަހަޅައިފި
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ބަދަލަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ، 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހެޅި އިސްލާހެކެވެ. މީގެ ކުރިން ސިނގިރޭޓަކުން ނަގަމުން އައީ 3.50 ރުފިޔާއެވެ. ނަމަވެސް، ޑިސެމްބަރު 2024 ގައި ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރީ، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން މީހުން ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.

ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ސިނގިރޭޓު ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާކަން ހާމަކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކަކީ:

  • ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ހަމަޖެއްސުން.

  • ސިނގިރޭޓުގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި 30 އިންސައްތަ ނެގުން.

  • ބިޑިއަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ހަމަޖައްސައި، އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި 30 އިންސައްތަ ނެގުން.

  • ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ތަކެތިން ޑިއުޓީ މައާފުކުރުން.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ ފުރަތަމަ ކިއުން އިއްވުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ. މި އިސްލާހު ފާސްވެއްޖެނަމަ، ބާޒާރުގައި ސިނގިރޭޓުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Rate this article

Leave a Comment

Comments (0)