info@redhan.media

whiteLogo

32.45 C

navLogo

ރައްޔިތުންނަށް ކުރިމަތިވާ އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ލިބެނީ މަގުމައްޗަށް ނުކުމެ ހަޅުތާލުކޮށްގެން ހެއްޔެވެ؟

ރައްޔިތުންނަށް ކުރިމަތިވާ އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ލިބެނީ މަގުމައްޗަށް ނުކުމެ ހަޅުތާލުކޮށްގެން ހެއްޔެވެ؟
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ރައްޔިތުންނަށް ކުރިމަތިވާ ގިނަ ކަންކަމަށް ޙައްލެއް ލިބެނީ މަގުމައްޗަށް ނުކުމެ އަޑުއުފުލައިގެންނޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. މިކަމަށް ބާރުދޭ އެތައް ހެއްކެއް މުޖުތަމަޢުގެ ތެރެއިން ފެންނަން އެބަހުއްޓެވެ. މީގެ އެންމެ ފަހުގެ މިސާލަކީ، ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު، މަގުމަތީގައި ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެވެ. މިއީ ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ ރައްޔިތުންނަށް، އެ ސަރަޙައްދުގައި އުޅޭ މީހެއްގެ ފަރާތުން ތަކުރާރުކޮށް ކުރިމަތިވަމުންދިޔަ ގޯނާތަކާއި އުނދަގޫތަކަށް ދާއިމީ ޙައްލެއް ނުލިބި، އިންސާފު ލަސްވުމުން ކުރިއަށްގެންދިޔަ އިހުތިޖާޖެކެވެ.

އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ އެ މީހާގެ ފަރާތުން އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު އެތައް ޢަމަލުތަކެއް ފެންނަމުންދިޔައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ކުރިމަތީގައި ހުތުރު ބަހުން ވާހަކަދެއްކުމާއި، އެކި ފަރާތްތަކަށް ޖިސްމާނީ ގޯނާކުރުން ހިމެނެއެވެ. މިފަދަ އެތައް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށް، އެތައް ފަހަރަކު އޭނާ ހައްޔަރުކުރި ނަމަވެސް، މާ ގިނައިރުތަކެއް ނުވެ ދޫކޮށްލުމުގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެއްވެސް މުއައްސަސާއަކުން އެދެވޭ ޙައްލެއް ނުލިބި، ކެތްތެރިކަން ކޮޅުންލުމުން، ސަޢީދު އެންމެ ފުރަތަމަ ހަޅުތާލު ފެށްޓެވީ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އެތެރޭގައެވެ. ނަމަވެސް، އެތަނުގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު ނުކުންނަން ޖެހުމުން، އޭނާގެ ހަޅުތާލު ބަދަލުކުރީ ޕޮލިސް ސްޓޭޝަން ބޭރު، މަޖީދީމަގަށެވެ.

ގާތްގަނޑަކަށް 35 ގަޑިއިރަށް ދެމިގެންދިޔަ މި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމައިލީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ޕްރޮސެކިއުޓަރ ޖެނެރަލް، މި މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވުމުންނެވެ. ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ފުލުހުންގެ އިދާރާގައި މީގެކުރިން ބަންދުކޮށްފައި (ފައިލްކޮށްފައި) ހުރި ގިނަ މައްސަލަތަކެއް، ވަޒީރުގެ އެންގެވުމަށް އަލުން ބައްލަވަން ވަނީ ފަށްޓަވާފައެވެ. އަދި ކުރިން ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް އަލުން ލޮގްކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދެއްވާފައެވެ. އެހެންކަމުން، މި މައްސަލަތައް އަލުން ހުށަހެޅުމަށްފަހު، އާއިލާއާ މަޝްވަރާކޮށް ހަޅުތާލު ނިންމައިލީއެވެ.

މި ހާދިސާއިން އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއެވެ؛ ރައްޔިތަކަށް އިންސާފާއި އަމާންކަން ލިބެން އޮތީ، އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލައި، މަގުމައްޗަށް ނުކުމެ ހަޅުތާލު ކޮށްގެން ހެއްޔެވެ؟ ދައުލަތުގެ މުއައްސަސާތައް ހިންގަން ތިއްބެވި ވެރިންގެ ނާޤާބިލުކަމުން، ކޮންމެ ކަމަކަށް އޮތް ހަމައެކަނި ޙައްލަކީ މަގުމަތީގެ އިހުތިޖާޖުތައް ހެއްޔެވެ؟

ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި އަމާންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބެވެ. ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް މުއައްސަސާތަކުން އިޖާބަދެނީ ކޮންމެހެން މަގުމައްޗަށް ނުކުމެ، ސޯޝަލް މީޑިއާގައި އަޑުގަދަކޮށް، އަމިއްލަ ނަފުސު ނުރައްކަލަށް ހުށަހެޅުމުން ކަމުގައި ވާނަމަ، އެއީ ނިޒާމު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ.

މުޖުތަމަޢުގެ އަމަންއަމާންކަން ޤާއިމުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންފީޛުކުރުމުގައި ލަސްތަކެއް އުޅޭނަމަ، އާންމު ރައްޔިތުންގެ އިތުބާރު ދައުލަތުގެ ނިޒާމަށް ގެއްލިގެންދާނެއެވެ. ކޮންމެ މައްސަލައަކަށް ވަޒީރުންނާއި އިސްވެރިން މަގުމައްޗަށް ވަޑައިގެން ޔަޤީންކަން ދެއްވަން ޖެހުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މައްސަލަތައް ޙައްލުކުރެވޭނެ އުޞޫލެއް ނޫނެވެ.

އެހެންކަމުން، ރައްޔިތުން އަމިއްލަ ދިރިއުޅުމާއި މަސައްކަތް ހުއްޓާލައި، މަގުމައްޗަށް ނުކުންނަން ނުޖެހޭނެ ފަދަ ހަރުދަނާ އުޞޫލުތަކެއް މުއައްސަސާތަކުގެ ތެރޭގައި ޤާއިމުކުރަން ޖެހެއެވެ. ޝަކުވާތައް ބަލައިގަނެ، އެކަށީގެންވާ އަވަސް ފިޔަވަޅު އެޅޭނެ އިތުބާރުހުރި ނިޒާމެއް ހަމަޖެހިގެން މެނުވީ، އިޖުތިމާޢީ ޢަދާލަތާއި އަމާންކަން ދާއިމީ ގޮތެއްގައި ކަށަވަރެއް ނުކުރެވޭނެއެވެ.

Rate this article

Leave a Comment

Comments (0)