-1770710840147.webp)
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި، ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އަންނަ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި، މިހާރު ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނީ މިއަދުން ފެށިގެން، 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި މުއްދަތުގައި ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންވާނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކެވެ. އަދި މީގެކުރިން ރިސޯޓުތަކާއި، ސިނާއީ މަސައްކަތްކުރާ ރަށްރަށާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، މި އިންތިޚާބުގައި ވޯޓުލާ ތަނެއްގެ ގޮތުގައި މިހާރު ރަޖިސްޓަރީވެފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށްވެސް އީސީން ބުނެފައިވެއެވެ.
އިންތިޚާބަށް ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހެނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައިޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ޗެކްކުރުމަށް ބޭނުންވާ ފަރާތްތަކުން 'VR' ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށް އައިޑީކާޑު ނަންބަރު ޖަހައި 1414 އަށް އެސް.އެމް.އެސް ކުރުމުން އެ މަޢުލޫމާތު ސާފުކުރެވޭނެއެވެ.
މިއަހަރުގެ އޭޕްރީލް 4 ގައި ބާއްވާ މި އިންތިޚާބުގައި ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހާ ހަމައަށް ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުޞަތު އޮންނާނެ ކަމަށް އީސީން މަޢުލޫމާތުދެއެވެ.
މި އިންތިޚާބުގައި ކައުންސިލްތަކަށް 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ޖުމުލަ 2,994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 1414 އަށް ގުޅުމަށެވެ. ކޮމިޝަނުގެ މައި އިދާރާ އާއި އިންތިޚާބާބެހޭ މަރުކަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް އެ ތަންތަން ހުޅުވިފައި ހުންނާނެއެވެ.