-1792302025302.webp)
ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލުން ޖައްސައި އެކްސިޑެންޓްކުރި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުތަކުން ހާމަވެއްޖެއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް މީހާއަށް ވަނީ ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުތަކުން އެނގޭ ގޮތުގައި، ސައިކަލު ދުއްވަން އިން މީހާއާއި އޭގެ ފަހަތުގައި އިން މީހާގެ އިތުރުން މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
މި ހަތަރު މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މީހުން ކުރު މުއްދަތަކަށް ބަންދުކުރަން އަމުރުކުރީ، އެ އެންމެން ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތަކަށް އެދިފައިވާތީއެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުން ފަހަތަށް ޖެއްސުމަށްޓަކައި ބަޔަކު ގަސްދުގައި ހިންގި ނުރައްކާތެރި އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތައް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން ހުއްޓުވައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އިތުރު ތިން ސައިކަލެއް ވެސް ޝައްކުކުރެވޭ ގޮތަށް ހަރަކާތްތެރިވިކަން ވަނީ ފާހަގަކުރެވިފައެވެ.
މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ އޮފިސަރުގެ ހާލު ބައްލަވާލައްވާފައެވެ. މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.