-1778934838032.webp)
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ މި ސަރުކާރުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށް ބުނެ، އިދިކޮޅު ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީންގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހް ރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މި ތިން ރައީސުން އެކުގައި ނުކުންނެވުމަށް ގޮވާލައްވާފައި ވަނިކޮށް، ރޭ 20:00 ގައި ބޭއްވި މި ބައްދަލުވުމުގައި ސޯލިހް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު އެމަނިކުފާނުގެ ވެރިކަމުގައި ޝަރީއަތް ނިމެންދެން ބަންދުކުރި ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިސް އެ މީހުން ދޫކޮށްލާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ސޯލިހްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މި ސަރުކާރުން ނޫން ކަމަށެވެ. އުޝާމް ހާމަކުރެއްވި ގޮތުގައި އެ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައެވެ.
އުޝާމް އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، އެ މައްސަލައިގައި އެންމެ ފަހުން ބަންދުގައި ހުރި މީހާ ވެސް ދޫކޮށްލާފައިވަނީ 2023 ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށެވެ. މިއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މާ ކުރިން ހިނގާފައިވާ ކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، ރިކޯޑުތަކުން ސާފުކޮށް ފެންނަން ހުރި މިފަދަ ކަންކަމުގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ހަގީގަތާ ހިލާފު ވާހަކަތައް ކުރީގެ ރައީސަކު ދެއްކެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.