
މެލޭޝިއާގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ހިދުމަތް" ޖަމިއްޔާއާ ގުޅިގެންނެވެ.
ޝެއިހް ފަރީދުގެ ހަނދާނުގައި މީގެ ކުރިން ބަންގްލަދޭޝްގައި ވެސް ވަނީ މިސްކިތެއް ބިނާކޮށްފައެވެ. އެ މިސްކިތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރު ވެސް ނުވަނީސް، އާންމުންގެ ބޮޑު ތަރުހީބަކާއެކު ހަތް ލައްކަ ރުފިޔާ ލިބިފައިވެއެވެ. ބަންގްލަދޭޝްގައި ބިނާކުރެވުނު އެ މިސްކިތަކީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ޝެއިހް އިބްރާހިމް ފަރީދަކީ ރާއްޖޭގައި ވަރަށް ގިނައިން ދީނީ ދަރުސްތައް ބާއްވަވައި، އާންމުންގެ ބޮޑު މަގުބޫލުކަމަކާއި ލޯތްބެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް، ކަށުނަމާދުތަކުގައި ބައިވެރިވެވަޑައިގެން، މަރާއި އާޚިރަތް ހަނދާންކޮށްދެއްވައި އޭނާ ދެއްވަމުން ގެންދެވި އަސަރުގަދަ ނަސޭހަތްތަކަކީ ދިވެހިންގެ ހިތްތަކުގައި ވަރަށް ބޮޑަށް ބީހިގެންދިޔަ ހާއްސަ ދަރުސްތަކެކެވެ.
ހުޅުމާލޭގައި އަލަށް ބިނާކުރާ މި މިސްކިތަކީ ޝެއިހް ފަރީދުގެ އަގުހުރި ދީނީ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެމަނިކުފާނުގެ ހަނދާންތައް ދިރުވައި، ދާއިމީ ސަވާބާއި ދަރުމަ ލިބިދޭނެ ފަދަ ހެޔޮ އަމަލެއްގެ ގޮތުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.