info@redhan.media

whiteLogo

32.45 C

navLogo

މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން ހިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ

މާލެ ސަރަޙައްދުގައި 37 ދިވެހި ޙާފިޡުން ހިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި އިމާމުވެ، ހިފްޒުކޮށް ތަރާވީޙު ނަމާދުކުރުމަށް 37 ދިވެހި ޙާފިޡުން ހަމަޖައްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މިފަހަރު ހޮވާލެވުނު ޙާފިޡުންގެ ތެރޭގައި ގިނައީ ރީތިކޮށް ޤުރުއާން ކިޔަވާ ޒުވާން ޙާފިޡުންނެވެ. މި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެ އިތުރުން، މިއަހަރުގެ ރަމަޟާން މަހު އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތުގައި ވެސް އިމާމުވެ ތަރާވީޙު ނަމާދު ކުރާނީ ދިވެހި ޙާފިޡުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ދެ މިސްކިތުގައި ހުކުރު ޚުޠުބާ ކިޔުމުގެ ފުރުޞަތު ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މިސްކިތްތަކުގެ އިންތިޒާމުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް މިއަހަރު އިތުރުކޮށްފައިވާނެ ކަމަށެވެ. މީގެ ކުރިން ކުރުކޮށް ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި ފާހަގަކުރެވުނު މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތުގައި (ގަލޮޅު ދަނޑު ކުރިމަތި) މިއަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަދަލު ގެނައީ އެ މިސްކިތުގެ ޖަމާޢަތް ބޮޑުވެ، މަޖީދީ މަގު ބަންދުވެ ދަތުރުފަތުރަށް ދަތިވާތީ އެކަމަށް ޙައްލެއް ހޯދުމަށެވެ. އޭގެ ބަދަލުގައި ބަރުބަރީ މިސްކިތުގައި ކުރުކޮށް ތަރާވީޙު ނަމާދުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު އަންނައިރު މާލެ ސަރަޙައްދުގެ ހުރިހާ މިސްކިތެއްގައި ތަރާވީޙު ނަމާދުކުރާ އިމާމުންނަކީ ދިވެހިން ކަމުގައި ހެދުން ކަމަށެވެ. މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ ޢަދަދެއްގެ ދިވެހި ޙާފިޡުން އިމާމުވެ ނަމާދުކުރާނެއެވެ. އަދި މިއަހަރުގެ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި ވެސް ޒުވާން ޚަޠީބުން އިމާމުވެ ނަމާދުކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެ ސަރަޙައްދުގައި ނަމާދުކުރާ 47 މިސްކިތް ހުންނައިރު، އޭގެ ތެރެއިން ގިނަ މިސްކިތްތަކުގައި ތަރާވީޙު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

Rate this article

Leave a Comment

Comments (0)