
ލ. ގަން - ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ހެލްތު ކޭމްޕް، މި މަހުގެ 19 އިން 20 އަށް ލ. ގަމުގައި ބޭއްވުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ، ލާމު އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދުރާލާ ރަޖިސްޓްރީ ކޮށްގެން ތަފާތު ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ހަރަކާތުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދު ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު 8 ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުން ޚިދުމަތް ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޑރ. މޫސާ މަނިކު - ހިތުގެ ބަލިތަކުގެ ޚާއްސަ
ޑރ. ޕަންކަޖް ޕަޓަވާރީ – ހޯމޯން ބަލިތަކުގެ ޚާއްސަ (އެންޑޮކްރިނޮލޮޖީ)
ޑރ. ޗަންދުރަޝޭކަރު ރާވަލް - ކަރުންމަތީގެ ބަލިތަކުގެ ޚާއްސަ (އީއެންޓީ)
ޑރ. އިބްރާހީމް މުއުމިން – އޮޕަރޭޝަންތަކުގެ ޚާއްސަ
ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ޚާއްސަ
ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ޚާއްސަ
ޑރ. ނަޒްމީ ލަތީފް - ނޭވާލާ ނިޒާމުގެ ބަލިތަކުގެ
ޑރ. މެހެމެތް އޮޑާ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، ބަލިތައް އަވަހަށް ދެނެގަތުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިއްހީ ސްކްރީނިންގް އަދި މަޢުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް މި ކޭމްޕުގެ ތެރެއިން ކުރިއަށްދާނެއެވެ.
މީގެ އިތުރުން، އަތޮޅުތަކުގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތުގެ ދަށުން، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ. އަދި ޒުވާނުން ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކުރުވުމަށާއި، ސިއްހީ ދާއިރާގެ ވަޒީފާތަކަށް ޝައުގުވެރިކަން އުފެއްދުމަށް ގަމުގެ ދަރިވަރުންނަށް ޚާއްޞަ ތަޢުލީމީ ސެޝަނެއް ވެސް ކުރިއަށް ގެންދާނެއެވެ.
މި ކޭމްޕަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ ރޭގަނޑު 11:00 އެވެ. ރަޖިސްޓްރީ ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ ނަންބަރު 6800026 އަށް ގުޅުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީ އާއި އާ ޚިދުމަތްތައް ތައާރަފްކުރަމުންދާ ފުންނާބު އުސް ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ފެންވަރު ރަނގަޅު ފަރުވާ ރާއްޖޭގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.