
ދިވެހިރާއްޖޭގެ އިޤްތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ "އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ މާކެޓް ޕްލޭސް ޑިސްޓްރިކްޓުގައި މިއަހަރު 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާކަމަށް ބީސީސީން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަހުގެ 25 އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ، ދިވެހި އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ މައުރަޒެކެވެ.
ބީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އަހަރުގެ އެކްސްޕޯގައިވެސް ޢާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބިގެންދިޔައީ މާކެޓް ޕްލޭސް ޑިސްޓްރިކްޓަށެވެ. އަދި މިއަހަރުވެސް މި ޑިސްޓްރިކްޓަށް އޮތް ތަރުޙީބު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރު މި ބައިގައި ބައިވެރިވި 100 ފަރާތުގެ ބަދަލުގައި މިއަހަރު 130 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި އަހަރުގެ ސްޓޯލްތަކުގެ ޖާގަވެސް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ސްޓޯލްތަކުގެ ބޮޑުމިނަކީ 5 ފޫޓު 6 ފޫޓު ކަމުގައި ވިޔަސް، މިއަހަރުގެ ސްޓޯލްތަކުގެ ޖާގަ 8 ފޫޓު 8 ފޫޓަށް ވަނީ ބޮޑުކޮށްފައެވެ.
މާކެޓް ޕްލޭސް ޑިސްޓްރިކްޓަކީ މައިގަނޑު ގޮތެއްގައި ކުދި ވިޔަފާރިތަކަށް ޚާއްޞަ ސަރަޙައްދެކެވެ. މީގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކާއި، އަތްތެރި މަސައްކަތް ނުވަތަ އާރޓް އެންޑް ކްރާފްޓްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން، މިއަހަރުގެ މާކެޓް ޕްލޭސްގެ ޚާއްޞަ އެއް ކަމަކީ ރާއްޖޭގެ ދެ ރަށަކުން ގެންނަ ދެ ގާޑިޔާ މި ސަރަޙައްދުގައި ބައިވެރިވުމެވެ. އެއީ ފުވައްމުލައް ސިޓީ އަދި ބ. އޭދަފުށިން ބައިވެރިވާ ދެ ގާޑިޔާއެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ކުރީ އަހަރުތަކާ އަޅާބަލާއިރު ހުރިހާ ގޮތަކުންވެސް ތަފާތުވެފައި ފުރިހަމަވާނެކަމަށް ބީސީސީން ވިދާޅުވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މައުރަޒުގައި 240 އެގްޒިބިޓަރުން ބައިވެރިވި ނަމަވެސް، މިއަހަރުގެ މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި މިދިޔަ އަހަރު 2،400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއަހަރުގެ މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކުގެ ޢަދަދު ވަނީ 4،800 އަށް އަރާފައެވެ.
މި މައުރަޒު ވެގެންދާނީ ދިވެހި އުފެއްދުންތެރިންގެ ހުނަރުވެރިކަން ދައްކާލުމަށާއި، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ އަގުހުރި އަދި މުހިންމު ފުރުޞަތަކަށެވެ.