info@redhan.media

whiteLogo

32.45 C

navLogo

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ޕޮޓޯ: ދިވެހި ފުލުހުން
Redhan News Room

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާގައެވެ. މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ މުޙައްމަދެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ އާލް މަޓިއާ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށާއި، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުގެ މެދުގައި މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ އެކި ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ވެސް ފުލުހުން ފާހަގަކުރެއެވެ.

މި ފަހުމުނާމާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށްތަކާއި، ހާއްސަކޮށް ބޯޑަރުތަކުން އެތެރެވާ ނުރައްކާތަކުން ރާއްޖެ ރައްކާތެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

Rate this article

Leave a Comment

Comments (0)