
އުރުދުންގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި މިއަދު ރައީސުލްޖުމްހޫރިއްޔާ އާންމުކުރެއްވި މެސެޖެއްގައި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ (ދެވަނަ) އަށާއި، ބޮޑުވަޒީރު ޖަޢުފަރު ޙައްސާންގެ އިތުރުން އެ ޤައުމުގެ ސަރުކާރަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި، ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު އުފެދިފައިވާ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މި ގުޅުމަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ކުރިމަގުގައި ދެ ޤައުމުގެ މެދުގައިވާ އަޚުވަންތަކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަރައި، ދެ ފަރާތަށް ވެސް މަންފާކުރަނިވި ގޮތެއްގައި މި ގުޅުން ފުޅާވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.
އުރުދުންއަށް މިނިވަންކަން ލިބިފައިވަނީ 25 މެއި 1946 ގައެވެ. އެއީ އުސްމާނީ ޚިލާފަތުގެ ދަށުން އެ ޤައުމަށް މިނިވަންކަން ލިބުނު ތާރީޚީ ދުވަހެވެ.
ދިވެހިރާއްޖެއާއި އުރުދުންއާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކުރެވިފައިވަނީ 25 މާރިޗު 1981 ގައެވެ. އޭގެ ފަހުން މިވީ 43 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ވަނީ އެކި ދާއިރާތަކުން ގާތް ގުޅުމެއް އުފެދިފައެވެ.