
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެރި ރެކޯޑް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ މިރޭ މުގުރާލައިފިއެވެ.
ގާތްގަނޑަކަށް 12 އަހަރު ވަންދެން ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ އަތުގައި އޮތް މި ރެކޯޑް މެސީ މުގުރާލީ، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި މިރޭ އޮސްޓްރިއާ އާ ދެކޮޅަށް އާޖެންޓީނާ ކުޅެމުންދާ މެޗުގައެވެ. މި މެޗުގައި މެސީ ކާމިޔާބު ކުރި ލަނޑަކީ ވޯލްޑް ކަޕް މުބާރާތްތަކުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ. މީގެ ކުރިން މި ރެކޯޑް އޮތް ކްލޯސާ ޖަހާފައިވަނީ 16 ލަނޑެވެ. ކްލޯސާ މި ރެކޯޑް ހެދީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައެވެ.
އުމުރުން 39 އަހަރުގެ މެސީ، އޭނާގެ ހަވަނަ ވޯލްޑް ކަޕްގައި ކުޅެމުންދާއިރު، މިރޭގެ ލަނޑަކީ މި މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ ތެރެއިން ލިބުނު ޕެނަލްޓީއަކުންނެވެ. މިފަހަރުގެ މުބާރާތް މެސީ ފެށީ އަލްޖީރިއާ ކޮޅަށް ހެޓްރިކެއް ހަދައިގެންނެވެ.
ވޯލްޑްކަޕްތަކުގައިމެސީލަނޑުޖަހާފައިވާގޮތް:
2006: 1 ލަނޑު
2010: ލަނޑެއް ނުޖެހޭ
2014: 4 ލަނޑު
2018: 1 ލަނޑު
2022: 7 ލަނޑު
2026: 4 ލަނޑު (މިހާތަނަށް)
މި ރެކޯޑާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކުރީގެ ރެކޯޑް އޮތް ކްލޯސާ ބުނީ، މެސީ އޭނާގެ ރެކޯޑް މުގުރާލުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. "އަހަރެން އެދެނީ މެސީ އަހަރެންގެ ރެކޯޑް މުގުރާލަން. މި ވޯލްޑް ކަޕުގައި މި ރެކޯޑް މުގުރާލާނެ ކަމަށް އަހަރެން ކުރިން ވެސް އުއްމީދު ކުރިން. އެއީ އެމްބާޕޭ އާއި މެސީ ވަރަށް ގާތުން ވާދަ ކުރާތީވެ. މެސީ މި ރެކޯޑް މުގުރާލަން އަހަރެން ބޭނުންވަނީ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުން،" ކްލޯސާ ބުންޏެވެ.
ކްލޯސާ 2014 ވަނަ އަހަރު މި ރެކޯޑް މުގުރާލީ ބްރެޒިލްގެ ރޮނާލްޑޯ 2006 ވަނަ އަހަރު ހަދާފައިވާ 15 ލަނޑުގެ ރެކޯޑެވެ. މެސީ މިވަނީ ޖުމުލަ 17 ލަނޑާއެކު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ އެންމެ ކުރިއަށް ޖެހިލާފައެވެ.