
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ "ހުދުމުހުތާރު" ވެރިކަމުން ގައުމު ސަލާމަތްކުރުމަށްޓަކައި، އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ނުކުންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ފައްޔާޒު މިފަދަ އިލްތިމާސެއް ކުރެއްވީ 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެން އެ ނޫހުގެ ދެ ނޫސްވެރިއަކަށް ދައުވާކޮށް، ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ އިތުރު ދެ ނޫސްވެރިއަކު އިއްޔެ ޖަލަށް ލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެ ޑޮކިއުމަންޓަރީއަކީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ބުނެ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ކުރި ތުހުމަތުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
މި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ގޮތުން ހުރި ތަފާތު ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރުގެ ނޭދެވޭ އަމަލުތަކާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހިފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި ގައުމުގެ ހައްގުގައި ކުރީގެ ރައީސުންނާ އެކު މަސައްކަތް ކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ނޫސްވެރިންނަށް ބިރުދައްކައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.