
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާ މި ނިންމުން ނިންމަވާފައިވަނީ އެމްޕީއެލްގެ ބޯޑުން މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އޭނާ ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ޒިޔަތު އެމްޕީއެލްގެ ބޯޑުން ވަކިކުރީ އެ ކުންފުނީގެ ބޯޑަށް މުހައްމަދު ލައްމާން އައްޔަންކުރުމަށެވެ. ލައްމާން އެމްޕީއެލްގެ ބޯޑަށް އައްޔަންކުރެއްވީ، އޭނާ ކުރިން ހުންނެވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ލައްމާން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ލައްމާން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެމްޕީއެލްގެ ބޯޑަށް އަލަށް އައްޔަންކުރެވުނު ލައްމާނަކީ މީގެ ކުރިން ފެނަކަ ކޯޕަރެޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ އިތުރުން ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ލައްމާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ.